
އިންޑިއާއިން ކުއްލި ގޮތަކަށް މިރޭ ޕާކިސްތަނަށް ދިން މިސައިލް ހަމަލާތަކުގައި ޖުމުލަ 7 މީހަކު މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަހުމަދު ޝަރީފް ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޑިއާގެ ހަމަލާގައި ހާތަނަށް ހަތް މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ އިންޑިއާގެ ހަމަލާތައް މިސްކިތަކަށްވެސް އަމާޒުވެފައިވާ ކަމަށެވެ. އަދި އިންޑިއާއިން މިރޭ އަމަލުކުރީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޮޕަރޭޝަން ސިންދޫރު" ގެ ނަމުން ނަންދެވި އިންޑިއާއިން ފެށި ޚާއްސަ އޮޕަރޭޝަނާއި ގުޅިގެން އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނީ ޕާކިސްތާނުގައި ނިރުބަވެރިންގެ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާއަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމްގައި މިދިޔަ މަހު ދިން ހަމަލާގައި 26 މީހުން މަރުވި ހާދިސާއާއި ގުޅިގެން ނިރުބަވެރިންނަށް އަމާޒުކޮށް ފެށި ހަމަލާތަކެއް ކަމަށް އިންޑިއާ އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ. ޕަހަލްގަމްއަށް ދިން ހަމަލާގެ އަޑީގައި ޕާކިސްތާނުގެ ސަރުކާރުގެ އަތެއް ވާކަަމަށް އިންޑިއާއިން ތުހުމަތު ކުރި ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެކަން ހިނގި ގޮތުގެ "ނިއުޓްރަލް" ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ.
އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ފެށި ހަމަލާތަކުގައި އިންޑިއާ އަސްކަރިއްޔާއިން ވަނީ ޕާކިސްތާނުގެ 7 ސަރަހައްދަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި އެވެ.
މި ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުގެ އިސް އޮފިޝަލުން ބުނާގޮތުގައި މިއީ " ހަނގުރާމައިގެ" ފެށުމެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރުވެސް މި ހަމަލާތައް ސިފަކުރެއްވީ އިންޑިއާއިން ހަނގުރާ ފެށުން ފަދައިންނެވެ.
އިންޑިއާއިން ފެށި މި ހަމަލާތަކާއި އެކު މާގިނަ އިރުތަކެއް ނުވެ ޕާކިސްތާނުން ވެސް ވަނީ ރައްދު ހަމަލާތައް ފަށާފައި އެވެ. އެގޮތުން ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ ޖެޓުތަކެއް ވަނީ ވައްޓާލާފައި އެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ކަށަވަރުވެފައި ނުވެއެވެ.
ގުޅުންހުރި

ރޭ އެކަނިވެސް އިންޑިއާގެ 48 ޑްރޯން ވައްޓާލައިފި: ޖުމުލަ އަދަދު 77 އަށް!

އިންޑިއާގެ ކަނޑާއި ވައިގެ ޕޯޓުތަކާއި ޓާމިނަލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ކަޝްމީރުގައި ހުރި އިންޑިއާގެ އަސްކަރީ ތިން މަރުކަޒަކަށް ޕާކިސްތާނުން ހަމަލާދީފި
