
ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ހޯދައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް--
މަގުމައްޗަށް ވައްޓާލި ކަޅު ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްފައި ދިޔުމުން އެކޮތަޅުތައް ބަލައި ފާސްކުރިއިރު، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ބަންގްލަދޭޝަށް ނިސްބަތްވާ 3 ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ބަލަމުން އަންނައިރު މިދިޔަ މަހުގެ 26ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.
އެ ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެއެވެ.
ކޮންޓެއިނަރުތައް ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. އެއީ ޖުމްލަ 13.6 މިލިޔަން ސިނގިރޭޓު ސްޓިކެވެ.
ކަސްޓަމްސް އިން ވިދާޅުވި ގޮތުގައި އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިޔަން ސިނގިރޭޓަށް 122 މިލިޔަން ރުފިޔާ އަރާނެއެވެ.
މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު މިދިޔަ މަހުގެ 19ވަނަ ދުވަހުގައިވެސް އަތުލައިގެންފައެވެ.
އެއީ މުޅި ޖުމްލަ 130،155 ސިނގިރޭޓެވެ.
އަދި ޖެނުއަރީ މަހުގެ 31ވަނަ ދުވަހުގައިވެސް މާލޭގައި ސިނގިރޭޓު އުފައްދަމުންދާކަމަށް ތުހުތުކުރެވޭ ތަނެއް ބަލައި ފާސްކޮށް 103 ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހެންވޭރު ގެއެއްގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަނުގައި އެތަނުން ގިނަ އަދަދެއްގެ ކާޑްބޯޑު ފޮށިގަނޑުތަކެއް ފުލުހުން ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަދި މީގެއިތުރުން ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ދެ ބޮންޑެޑް ވެއަރ ހައުސްއަކުން ގަވާއިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަޙްޤީގުކޮށް އެދެ ވެއަރހައުސްގެ ރަޖިސްޓްރީ މިދިޔަ ފެބްރުއަރީ މަހު ވަނީ ބާޠިލްކޮށްފައެވެ. އަދި މިމައްސަލައިގައި ހިމެނޭ މުދަލަށް ބޮންޑެޑްވެއަރހައުސް އިން ކަސްޓަމްސް އަށް ދައްކަންޖެހޭ ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި އެދެ މައްސަލަވެސް ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.
ގުޅުންހުރި

އެކްޓިންގ ސީޕީ ނަވީން ފުލުހުންގެ ސުޕްރިންޓެންޑެންޓް ރޭންކުގެ އޮފިސަރުންނާއި ބައްދަލުކުރައްވައިފި

ފުލުހުންގެ ލީޑަރޝިޕަށް ބޮޑެތި ބަދަލުތަކެއް!

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ، ހަށިގަނޑު އޮތީ ގިނަ ދުވަސްވެ ކުނިވެފައި!
