
ކުޅުދުއްފުށި ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 83 އިންސައްތަ ނިމިއްޖެ
# މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ--
ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފި އެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކުރަމުން އެމިނިސްޓްރީން ބުނީ މި މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 100،700،048.55 ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށި ސިޓީގެ މައިގަނޑު މަގުތައް ހަދައި، ފެންހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތިތައް ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ހިނގާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތަށް ދުވާރުތައް ތައްޔާރުކުރެވިގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މި މަޝްރޫޢު ނިމުމުން ކުޅުދުއްފުށި ސިޓީގެ ޖުމްލަ މަންޒަރު ރީތިވެގެންދާނެ ކަމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ދުވަސްވީ މީހުންނަށް މި ބަދަލުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.