
ޔޫރިން ނުދިން މީހުންގެ މައްސަލަ ތަހުގީގުކުރުމަށް ޕީޖީ އޮފީހުން ފުލުހުންނަށް އަންގައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް# ޕީޖީ އޮފީސް--
18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލައާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިއަދު ފުލުހުންނަށް އިރުޝާދު ދީފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެމައްސަލައާއި ގުޅިގެން 4 އިރުޝާދެއް މިއަދު ފުލުހުންނަށް ދީފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ އިރުޝާދެއްގެ ގޮތުގައި ޕީޖީ އޮފީހުން ފުލުހުންނަށް އަންގާފައިވަނީ މި ޙާދިސާއާ ގުޅިގެން 24 އެޕްރީލް 2025 ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލާގައި އަނިޔާލިބުނު މީހާގެ ޒާތީ މަޢުލޫމާތާއި، އަނިޔާލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ ޢާންމުކޮށްފައިވާތީ، އަނިޔާލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށެވެ.
އަދި މި މައްސަލައިގެ ތަޙުޤީޤަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ޙާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަޙުޤީޤުކުރުމަށް އެއޮފީހުން މިއަދު ވަނީ ފުލުހުންނަށް އަންގާފައި އެވެ.
މީގެ އިތުރުން ޖިނާއީ ތަޙުޤީޤުތަކާ ގުޅިގެން މަޢުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މަޢުލޫމާތު ޢާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ތަޙުޤީޤަށް ހުރަސްނޭޅޭނެ ގޮތަށް މަޢުލޫމާތު ހާމަކުރުމަށްވެސް ޕީޖީއިން ވަނީ ފުލުހުންނަށް އިރުޝާދުދީފައި އެވެ.
ޕީޖީ އޮފީހުން ވަނީ މި މައްސަލަ ތަޙުޤީޤުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު ޢަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުންނަށް އަންގާފައި އެވެ.
އެއޮފީހުގެ ބަޔާނުގައި އިތުރަށް ބުނީ މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތާމެދު ޢާންމުންގެ ހުރި ޝަކުވާތައް އެ އޮފީހަށް ހުށަހެޅުއްވުމުން، އެ ޝަކުވާތަކާމެދުވެސް، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އަދި ޖިނާއީ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި، ނޫސްވެރިންނާއި، ޢާންމު ރައްޔިތުންވެސް މައްސަލާގައި އަނިޔާލިބޭ މީހުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޕީޖީ އޮފީހުން ވަނީ ބަޔާން ނިންމާލަމުން އިލްތިމާސްކޮށްފައި އެވެ.
ގުޅުންހުރި

ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ޔޫއެންޑީޕީއާއި ގުޅިގެން ފޯރުކޮށްދެނީ

ފުލުހުންގެ ޓްރެއިނިންގ ހަދަމުން ދިޔަ ފުލުހަކު ހާލު ސީރިއަސްވެގެން ފަަރުވާދެނީ

މަސްތުގެހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި
