
--
މ އަތޮޅުގެ ފުރަތަމަ އެއާޕޯޓު، މ މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓު ފްލައިޓު މިއަދު ޖައްސައިފި އެވެ.

މިއަދު މެންދެރުފަހު މުލީ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ޖެއްސީ ޓްސްޓު ފްލައިޓްގެ ގޮތުގައި ޤައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އެ ފްލައިޓުގައި އެރަށަށް ސަރުކާރުގެ އިސް ވަފުދެއް ވަނީ ގޮސްފައި އެވެ.
މިއަދު ޓެސްޓު ފްލައިޓު ޖެއްސި ވަގުތު އެރަށުގެ ގިނަ ބަޔަކު ވަނީ އެއާޕޯޓު ސަރަހައްދަށް އެއްވެފައި އެވެ.
ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރާ ދަތުރެކެވެ. ރީޖަނަލް އެއަޕޯޓްސް ކުންފުނިން ބުނީ ، އެސެސްމަންޓްތައް ނިންމައި، ވީހާވެސް އަވަހަށް ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މިއަދު ޓެސްޓު ފްލައިޓު ޖެއްސި އިރު ކުރިޔަށް އޮތް ހަފްތާގައި އެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ވަނީ ތައްޔާރުވެފައި އެވެ. މި އެއާޕޯޓު ހުޅުވާނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަންނަ ހަފްތާގައި އެއަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރީޖަނަލް އެއާޕޯޓްސްއިން ބުނެފައިވާ ގޮތުގައި އެއަރޕޯޓުގެ އޮޕަރޭޝަނަށް މިވަގުތަށް ބޭނުންވާ މުވައްޒަފުން ނެގި ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. އަދި ސިވިލް އޭވިއޭޝަންގެ އެސެސްމެންޓުތަކަށްފަހު އެއާޕޯޓުގެ ހިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި، އޮޕަރޭޝަނަށް ބޭނުންވާ އިތުރު މުވައްޒަފުން ނަގާ އެމީހުންނަށް ބޭނުންވާ ފުރިހަމަ ތަމްރީންތައް ދޭނެ ކަންވެސް ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން މުލީ އެއާޕޯޓު މަޝްރޫއަކީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި 221.7 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކުރި މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެ އެވެ. އޭގެ އިތުރުން 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމަކީ ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމެކެވެ.







