logoEN
Sto top
އަލްމަސްޖިދުއްނަބަވީގެ އިމާމު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އަލްމަސްޖިދުއްނަބަވީގެ އިމާމު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އަހުމަދު ޝުރާއު

logo

4/18/2025, 2:43:44 PM

# އިސްލާމިކް މިނިސްޓްރީ

--

މަދީނާގެ މުޤައްދަސް ޙަރަމްފުޅު އަލްމަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލްބުދައިރު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Wamco

ޝަހީދު މިކަން ހާމަކުރެއްވީ މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އެވެ. އެގޮތުން ޝަހީމް ވިދާޅުވީ އަލްމަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލްބުދައިރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަޠީބު ރާއްޖެއަށް ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ގެނައުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެމަނިކުފާނަށް ދެއްވި ދަޢުވަތެއްގައެވެ. އެމަނިކުފާނު މި މަހުގެ 21ވާ ހޯމަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި އާންމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރަށް ޙަރަމްފުޅެއްގެ އިމާމަކު ރާޢްޖެ ވަޑަިއގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.

މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވައެވެ. އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.

މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. މަދީނާގެ ޙަރަމްފުޅުގެ އިމާމު ރާއްޖެވަޑައިގެންނެވުމުގެ ކަންކަން ހަމަޖައްސަވައިދެއްވިކަމަށްޓަކައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ވަލީ އަހުދު މުޙައްމަދު ބުން ސަލްމާނަށް ވަޒީރު ޑރ. ޝަހީމް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މިޒިޔާރަތުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްވެސް ވަޒީރު ޝަހީމްވަނީ ޝުކުރު އަދާކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside