
މިއަދު ފަތިހު ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާގެ ޚާން ޔޫނުސްއަށް ދިން ހަމަލާއެއްގައި ޣައްޒާ ފުލުހުންގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ޕޮލިސް އިން ބުނީ އެ ހަމަލާގައި އަވަހާރަކޮށްލާފައިވަނީ ވެސްޓް ޚާން ޔުނިސް ޕޮލިސް ސްޓޭޝަންގެ ޑިރެކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު އަހުމަދު އަލް ދަރްބާޝީ ކަމަށެވެ.
ޣައްޒާގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަލާމަތީ ބާރުތަކަކަށް އަމާޒުކޮށް ހަމަލާތައް ދިން ނަމަވެސް އާންމުންގެ ހިމާޔަތުގައި ފުލުހުންގެ ވާޖިބު އަދާކުރަމުން ގެންދާނެ ކަމަށާއި ޣައްޒާގައި ހަލަބޮލިކަން ފެތުރުމަށް ނިރުބަވެރި އިސްރާއީލުން އިސްނަގައިގެން ކުރަމުން ގެންދާ ނުބައި މަސައްކަތްތައް ކާމިޔާބެއް ނުވާނެ ކަމަށެވެ.
އަދި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހިނގާ މަދަނީ ދިފާއީ ބާރަކަށް ޣައްޒާ ފުލުހުން ވާއިރު، ފުލުހުންގެ ބާރު ހުއްޓުވުމަށާއި ތަކުރާރުކޮށް ފުލުހުންނަށް އަމާޒުކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ތަކުރާރުކޮށް ގޮވާލާ ކަމަށެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއަށް ޔަހޫދީން ދިން ހަމަލާތަކުގައި އެކި ސަރަހައްދުތަކުގައި 11 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެނެސްފައިވާއިރު، ހަނގުރާމަ ފެށުނު ފަހުން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 50،944 އަށް އަރާފައެވެ.
އަދި އިތުރު 111 މީހުން ޒަޚަމްވެފައިވާއިރު، ޖުމްލަ އަދަދު ވަނީ 116،156 އަށް އަރާފައެވެ.