
ކުލަ ބޮކިތަކާއި ގިޑިގެ ތަކުން މާލެ ސަރަހައްދު ޒީނަތް ތެރިކޮށް ދިއްލާލުމުގެ މަސައްކަތް ފަށައިފި
# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ--
މާލެ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ސިޓީސް އަދި ސްޓެލްކޯ ގުޅިގެން، ކުލަ ބޮކިތަކާއި ގިޑިގެ ތަކުން، ގްރޭޓަރ މާލެ ސަރަހައްދު ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް، މާލެ ސިޓީ ކައުންސިލުގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކުރިއަށް އޮތް ފިތުރު ޢީދުގައި، މާލެ ސިޓީ ދިއްްލާ ޒީނަތްތެރި ކުރުމަށް ، ކައުންސިލުން ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވީ މިދިޔަ ޢީދުގައި، ސެންޓަރަލް ތަނެއްގެ ގޮތުގައި ބޮޑަށް ދިއްލީ ޖުމްހޫރީ މައިދާން ކަމުގައި ވިޔަސް، މި ފަހަރުގެ ޢީދުގައި، ސެންޓަރަލް ތަނެއްގެ ގޮތުގައި ދިއްލުމަށް ހަމަޖެހިފައި ވަނީ، ހުޅުމާލެ ސެންޓަރަލް ޕާކެވެ. އަދި ޢީދާ ގުޅިގެން، ބާއްވާ ރަސްމިއްޔާތު ވެސް މި ފަހަރު އޮންނާނީ، ސެންޓަރަލް ޕާކުގައި ކަމަށް ވެސް ފަތުޙީ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ރަޝީދު ވިދާޅުވީ، މިދިޔަ އަހަރަށް ވުރެ މިއަހަރު މާލެ ދިއްލާ ޒީނަތްތެރި ކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދިއުމަށް ހާއްސަ ސާމާލުކަމެއްދީ، އިތުރު މަސައްކަތްތަކެއް ކުރައްވަން ނިމާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލް އެގްޒެކެޓިވް ޝަމްހޫޒާ އަހުމަދު ވިދާޅުވީ، ޢީދަށް މާލެ ސިޓީ ދިއްލުމުގެ އިތުރުން، އެހެން އަހަރު ތަކެކޭ އެއްފަދައިން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި، ޢީދު ރަމްޒުކޮށްދޭ ގިޑިގެ ތަކެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝާއި، ސިޓީސް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންވިއެވެ.