
--
އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން "އަވައްޓެރި ރޯދަ ވީއްލުން" ނަމުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ރޯދަ ވީއްލުންތަކުގެ ފުރަތަމަ ރޯދަ ވީއްލުން މިއަދު ބާއްވައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ރަށްވެހި ގުޅުން އާލާކުރުމުގެ މަގުސަދުގައި އެޗްޑީސީން އިސްނަގައިގެން ކުރިޔަށްގެންދާ ސިލްސިލާ ރޯދަ ވީއްލުންތަކުގެ ތެރެއިން އެއް ރޯދަވީއްްލުން ހުޅުމާލެ ނެއިބަހުޑް 1 ގައި މިއަދު ބާއްވާފައިވާ ކަމަށެވެ. މި ރޯދަ ވީއްްލުން ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ، 'ރަނައުރާ މަގު'ގައެވެ. މި ރޯދަ ވީއްލުމުގައި އެސަރައްދުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފައި އެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ރައްޔިތުންނާއި އެޗްޑީސީ އަދި ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށެވެ. އެގޮތުން "އަވައްޓެރި ރޯދަ ވީއްލުން" ރޭވިފައިވަނީ ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ގޮތަށް ކަމަށެވެ.
މި ހަރަކާތާއި ގުޅޭގޮތުން އެޗްޑީސީގެ ހެޑް އޮފް މާކެޓިންގް އެންޑް ޕީއާރު ޑިޕާޓްމަންޓް ހަސަން ޝަހީދު ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދޭ ބައެއް ކަމަށާއި އެގޮތުން މިފަހަރުވެސް މި އަވައްޓެރި ރޯދަވީއްލުން ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއް ބައިވެރިވުމާއި އެއްބާރުލުމާއެކުގައި ކަމަށެވެ.
އެކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.