
ރަށުން ބޭރުގައި ޕީއެސްވީ އަތުން އާސެނަލްއަށް ތަފާތުބޮޑު މޮޅެއް
# އާސެނަލް# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގުއާސެނަލްގެ ކުޅުންތެރިން ޕީއެސްވީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ޔުއެފާ ޗެންޕިއަންސް ލީގު ރައުން އޮފް 16 ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރަށުން ބޭރުގައި ނެދަލޭންޑްސް ޕީއެސްވީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

އާސެނަލް އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ލީގުބުރުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި ޕީއެސްވީ އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޔުވެންޓަސް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން އެޓީމި ކުރީގައި އޮވެގެނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޖޫރިއަން ޓިންބަރ، އީތަން ވަނޭރީ، މިކެއިލް މެރީނޯ، ލިއަންޑްރޯ ޓްރޮސާޑް އަދި ރިކާޑޯ ކަލަފިއޮރީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޕީއެސްވީގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ނޯއާ ލޭންގް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ.
މުބާރާތުގެ ރައުންޑް އޮފް 16 ގައި މިރޭ ކުޅުން އިތުރު މެޗުތަކަށް ބަލާއިރު، ރަށުން ބޭރުގައި ކުލަބް ބުރޫޖް އަތުން 3-1 ގެ ނަތީޖާއަކުން އެސްޓަންވިލާ މޮޅުވިއިރު، އަމިއްލަ ދަނޑުގައި ފްރާންސްގެ ލިލްއާއި ދެކޮޅަށް އެންމެ ފަހުގެ ރަނަރަޕް ބޮރޫޝިއާ ޑޮޓްމަންޑް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.