
--
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ނެރުނު އޮރެންޖު އިންޒާރު ދަންމާލައިފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖު އިންޒާރު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ދ އަތޮޅާއި ހަމައަށެވެ. އެގޮތުން އެ އިންޒާރު މިރޭގެ 03:00 ގެ ނިޔަލަށް މިހާރު ވަނީ ދަންމާލާފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި މުއްދަތުގައި އެސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އިންޒާރު ފުރަތަމަ ނެރުނީ މިރޭގެ 21:45 އިން ފެށިގެން 00:00 ގެ ނިޔަލަށެވެ.
ރާއްޖެއިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން ފާއިތުވި ދެދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލުވެސް ނެރެފައިވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މޫސުން ރަނގަޅު ވާން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.



