
ޕީއެޗްސީ ތެރެއިން ނަފްސާނީ ސިއްހީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރާނެ!
# ހެލްތު މިނިސްޓްރީ--
ޕްރައިމެރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ސިއްހީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެކަން ކަށަވަރުކުރުމަކީ 2025 އިން 2029 އަށް ކަނޑައަޅާފައިވާ 5 އަހަރު ދުވަހުގެ ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭންގެ މައިގަނޑު އެއް އަސާސް ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 2025 އިން 2029 އަށް ކަނޑައަޅާފައިވާ 5 އަހަރު ދުވަހުގެ ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެެވެ.
މނިސްޓަރ ވިދާޅުވީ ހުރިހާ ރައްޔިތުންނަށް މި ފަރުވާ ލިބޭނެކަން ކަށަވަރުކުރުމަށް ސިޔާސަތުތަކާއި، މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމާއި ނަފްސާނީ ސިއްހީ މައްްސަލަތަކުގެ ސަބަބުން ހުންނަ ތަފާތުކުރުންތައް ކުޑަކުރަން ޕްލޭންގައި ހިމެނިފައިވާނެ ކަމަށެވެ.
މީގެ އިތުރުން ޚިދުމަތް ދިނުމަށް މިހާރު ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެވޭ ނަފުސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތްވަނީ ޤާއިމްކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޓާރޝަރީ ހޮސްޕިޓަލްތަކުގައި ނަފްސާނީ ބަލިތަކަށް ޙިދުމަތްދޭނޭ ޔުނިޓްތައް ހެދުމާއި، ރަށު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއާރގެ ނިޒާމުގެ ތެރެއިން ނަފްސާނީ ޙިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ރޭވިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް މެންޓަލް ހެލްތު ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރުމާއި އެކު ޙާއްސަ އެހީއަށް ބޭނުންވާ މީހުން މަރުކަޒު ހަރުދަނާކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ފަސް އަހަރުގެ މި އެކްޝަން ޕްލޭނަކީ ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އިފްތިތާޙުކުރެއްވި މަގުޗާޓެކެވެ.
ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލެއްވުމަށް ޑަބްލިޔުއެޗްއޯ، ޔުނިސެފް އަދި އޮސްޓްރޭލިއާ ސަރުކާރަށް ފޯރުކޮށްދެއްވި އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެކްޓިން ކަންޓްރީ ރެޕްރެޒެންޓޭޓިވް މިސް ޕޭޑަންއާއި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު އެޑްވަޑް އެޑާއީއާއި މިނިސްްޓްރީގެ އިސްވެރިންނާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ސިއްހީ ޚިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.