
ގްލޯބަލް ގަވަމަންޓް އެކްސެލެންސް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި
# ނައިބު ރައީސް--
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓްގެ ގްލޯބަލް ގަވަރމަންޓް އެކްސެލެންސް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

މި ސެޝަންގައި ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު ހިޒް އެކްސެލެންސީ މުޙައްމަދު ޔޫނުސް ވަނީ ސެޝަންގެ ބައިވެރިންނާ، މުޚާޠިބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ހިޒް އެކްސެލެންސީ މުޙައްމަދު ޔޫނުސްގެ ވާހަކަފުޅުގައި، ދުނިޔޭގެ ސިޔާސީ ކަންކަމާ ގުޅުންހުރި ތަފާތު ގޮންޖެހުންތަކާއި، ބަންގްލަދޭޝްގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގެ މުހިންމުކަމާއި، އާ ސަރުކާރުން ބަންގްލަދޭޝްގެ އިޤްތިޞާދު އާރާސްތުކުރުމަށް ބޭނުންވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ މޮޅު ވަޒީރަކަށް ހޮވިވަޑައިގެންނެވި ފަރާތަށް އިނާމު ދެއްވީ އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއެވެ. މި އެވޯޑަކީ ޕަބްލިކް ސެކްޓަރގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވައި، އިޞްލާޙުތައް ތަންފީޛުކުރުމުގައި ކާމިޔާބީ ޙާޞިލުކުރައްވާފައިވާ، ސަރުކާރުގެ ވެރިންނަށާއި ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް ހިތްވަރުދީ، ސަރުކާރުގެ ވަޒީރުންގެ އަގުވަޒަންކުރުމަށްދެވޭ އިނާމެކެވެ.
މި ރަސްމިއްޔާތުގައި "ގްލޯބަލް ޓީޗަރ ޕްރައިޒް 2025" އެވޯޑް ހަވާލުކުރުން ވެސް ކުރިއަށް ދިޔައެވެ. މި ރަސްމިއްޔާތުގައި މި އިނާމް ހަވާލުކޮށްދެއްވީވެސް އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއެވެ. މިއީ 2015 ވަނަ އަހަރުން ފެށިގެން ގްލޯބަލް މޫވްމަންޓުން ދެމުން އަންނަ އެވޯޑެކެވެ.
ގުޅުންހުރި

ގްލޯބަލް ގަވަމަންޓް އެކްސެލެންސް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ވޯލްޑް ގަވަމަންޓްސް ސަމިޓް 2025ގެ ޕްލީނަރީ ސެޝަންގައި ނައިބު ރައީސް ބައިވެރިވެޑައިގަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޔޫއޭއީއަށް!
