ބާރަލާ ބަލިކޮށް ކުޑަހުވަދޫ އިން މުބާރާތް ފެށީ އިތުބާރާއެކު
ހަސަން ޝަމްއޫން
1/20/2025, 5:00:00 PM
ކުޑަހުވަދޫ އާއި ބާރަލާ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް/ ޝުރާއު
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ގުރޫޕް ދޭއްގައި މިރޭ ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ބާރަލާ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެ ކުޑަހުވަދޫ އިން މުބާރާތް ފެށީ އިތުބާރާއެކުގައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި މޮޅަށް ކުޅެ ކުޑަހުވަދޫ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ސެޓުގެ ކުޅުން ނިމިގެންދިޔައީ 17 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 25-8 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުޑަހުވަދޫ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ސެޓުގައި ކުޑަހުވަދޫގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 14 ލަނޑުގެ ލީޑަކާއެކު 15-1 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ އަބްދުއް ރަހުމާން އާރިފް އެވެ.
20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025 ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި ނުވަ ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ނުވަ ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.