--
ސްޓެލްކޯގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ޝަރީފްގެ ޕާސްޕޯޓު ހަފަހައްޓާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި އެވެ. އެކަން އޭސީސީގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވި ނަމަވެސް އެ ނިންމުން ނިންމީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ހާމައެއް ނުކުރެއެވެ.
ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓިއިރު، ސްޓެލްކޯ އަށް ހަތް މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެއްބަސްވުމެއްގައި ޝަރީފް ސޮއިކުރި ކަމަށް ބުނާ މައްސަލައެއް މިިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އޭސީސީއަށް ހުށަހަޅާފައި އެވެ. އެގޮތުން އެމައްސަލައަކީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު (120 މިލިއަން ރުފިޔާ) ދިނުމަށް މިދިޔަ އަހަރު ސެޕްޓެމްބަރު 14 ގައި ޕްރައިވެޓައިޒޭޝަން ބޯޑުގެ އެންގުމާ ހިލާފަށް ސޮއިކޮށްފައިވާ މައްސަލައެއް ކަން ވަނީ އެނގިފައި އެވެ.
ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ޝަރީފުގެ ޕާސްޕޯޓު ހިފެހެއްޓީ ސީދާ މި މައްސަަލައާއި ގުޅިގެން ކަމެއް އަދި މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.
މިމައްސަލަ އެސީސީން ތަހުޤީޤު ކުރަމުންދާއިރު، ކުރީގެ ސަރުކާރުގެ ވެރިންގެ މައްސަލަތަކެއް އެކި އިދާރާތަކުން ދަނީ ތަހުޤީޤު ކުރަމުންނެވެ. މީގެ ތެރޭގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ހިމެނޭ މައްސަލަތައް ދަނީ ބަލަމުންނެވެ.