
ދުންފަތާއި ނިކޮޓީންއިންގެ ނުރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ވޯކްޝޮޕެއް ފަށައިފި
# އެޑިއުކޭޝަން މިނިސްޓްރީ--
ދުންފަތާއި ނިކޮޓީންގެ ނުރައްކަލުން ސަލާމަތްވެފައިވާ ތަޢުލީމީ މާޙައުލެއް ބިނާކުރުމުގެ މަޤްޞަދުގައި، ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ޚާއްޞަ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.

އިމާދުއްދީން ސްކޫލުގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދެވެ. މި ވޯކްޝޮޕް ގައި އެކި ސްކޫލްތަކުގެ 90 މުވައްޒަފުން ބައިވެރިވެއެވެ.
މި ވޯކްޝޮޕް ގައި މައިގަނޑު ސެޝަންތައް ކުރިއަށް ގެންދަވަނީ ޔުނިވަރސިޓީ އޮފް މަލާޔާގެ ކްރިސްޓީނާ ޗިން އަދި ޕްރޮފެސަރ ޑރ. އޭން ޔީ އެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދުންފަތުން އެއްކިބާވެފައިވާ މާޙައުލަކަށް ވަކާލާތުކުރުމާއި، ދަރިވަރުންނަށް ޞިއްޙަތަށް ފައިދާހުރި ނިންމުންތައް ނިންމުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމެވެ. މި ވޯކްޝޮޕްގައި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މީގެ އިތުރުން، ބައިވެރިންނަށް މުހިންމު މުވާޞަލާތީ އަދި ވަކާލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީ، ދުންފަތާއި ނިކޯޓިން އުފެއްދުންތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް އުނގަންނައިދެވޭނެއެވެ. އަދި އިންޓަވެންޝަން ދިނުމުގެ މުހިންމުކަމާމެދު މަޝްވަރާކޮށް، ޒުވާނުންގެ މެދުގައި ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ޢަމަލީގޮތުން ބޭނުންކުރެވޭނެ ވަސީލަތްތައް ތަޢާރަފުކޮށްދެވޭނެއެވެ.