ރެއާލް މެޑްރިޑް ހަމަބިމަށް ތިރިކޮށްލުމަށްފަހު ސުޕާކަޕްގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފި
އަހުމަދު ޝުރާއު
1/12/2025, 9:02:57 PM
--
އެންމެ ފަހުގެ ޗެމްޕިއަން, ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފި އެވެ.
ބާސެލޯއިން ސުޕާ ކަޕްގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލުގައި ރެއާލް މެޑްރިން 5-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
ސައުދީ އަރަބިއާގެ ކިންގ އަބްދުالله ސްޕޯޓްސް ސިޓީގައި މިރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލީޑް ނެގީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން އެމްބާޕޭގެ ލަނޑާއި އެކު މެޗުގެ ވަރަށް ކުރީކޮޅު, ފުރަތަމަ ހާފުގެ 5 ވަނަ މިނެޓުގައި ރެއާލްއިން މެޗުގެ ލީޑް ނެގި ނަމަވެސް އަރަމުން އަންނަ ބާސެލޯނާގެ ތަރި ލަމީންގެ ޔަމާލްގެ ލަނޑަކާއި އެކު ހާފުގެ 22 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
އެއަށްފަހު ހާފުގެ 36 ވަނަ މިނެޓުގައި ލަވޯންޑޯސްކީ ކާމިޔާބުކޮށްދިން ޕެނަލްޓީއާއި އެކު ބާސެލޯނާއިން މެޗުގެ ލީޑް ނެގި އެވެ. އަދި ގާތް ގާތުގައި ރަފީނާއާއި ބާލްޑޭ ކާމިޔާބުކޮށްދިން ދެ ލަނޑާއި އެކު ފުރަތަމަ ހާފު ބާސެލޯނާއިން ނިންމާލީ ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން ކުރީގައި އޮވެއެވެ.
ދެވަނަ ހާފު ފެށިގެން ތިން މިނެޓުވެސް ނުވަނީސް ރަފީނާ ބާސެލޯނާގެ 5 ވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނެވެ. އެއަށްފަހު ރެއާލް މެޑްރިޑުންވެސް ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފެެއްދޭތޯ މަސައްކަތް ކުރި ނަމަވެސް ލިބުނު ހިލޭ ޖެހުމެއްގައި ރޮޑްރީގޯ ކާމިޔާބުކޮށްދިން ލަނޑު ފިޔަވައި ފަހު ހާފުގައި ރެއާލްއަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ނުވިއެވެ. މެޗު ނިމިގެން ދިޔައީ 5-2 ގެ ނަތީޖާއަކުން މުބާރާތުގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދައިގެންނެވެ.
މިމެޗުގައި ފަހު ހާފުގެ ގިނަ ވަގުތު ބާސެލޯނާއިން ކުޅެންޖެހުނީ 10 ކުޅުންތެރިންނާއި އެކުގައި އެވެ. އެގޮތުން ފަހު ހާފުގައި ބާސެލޯނާގެ ކީޕަރަށް ރަތް ކާޑެއް ވަނީ ދައްކައި ދަނޑުން ފޮނުވާލާފައި އެވެ.
ރެއާލް މެޑްރިޑަކީ ސުޕާކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިހާތަނަށް ރެއާލްއަށް 13 ފަހަރު ސުޕާކަޕް ކާމިޔާބުކުރެވުނު އިރު މިއަދުގެ މޮޅާއި އެކު ބާސެލޯނާއަށް ސިޕާކަޕްގެ ތަށި ހޯދުނު އަދަދު މިވަނީ 15 އަށް އަރާފައި އެވެ. މިއާއި އެކު ބާސެލޯނާއަކީ މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނައި ހޯދި ޓީމެވެ.