މިނިސްޓަރު ޝަހީމް ސައުދީގެ ހައްޖުގެ ކަންކަމާއި ގުޅޭ މިނިސްޓަރާއި ބައްދަލުކުރައްވައިފި
އަހުމަދު ޝުރާއު
1/12/2025, 8:51:49 AM
--
ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާ އާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިހާރު ޝަހީމް ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ,
މި ބައްދަލުވުމުގައި ޑރ ޝަހީމް ވަނީ ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައި އެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ޑރ ޝަހީމް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ޑރ، ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސައޫއީ ޢަރަބިއްޔާގެ މިނިސްޓްރީއޮފް ޙައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާއެހީތެރިކަން ޑރ ޝަހީމް ފާހަގަކުރެއްވިއެވެ.
ސަޢޫދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް ޝަހީމް ދެއްވި އެވެ.
ޑރ ޝަހީމްގެ ވާހަކައިގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހައްޖު މައުރަޒަކީ ހައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަމާއި މިދިޔައަހަރުން ފެށިގެން ރާއްޖޭގައި ވެސް ޙައްޖާއި ޢުމްރާއަށް ޚާއްޞަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާ ކަން ފާހަގަކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ޙައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން މިނިސްޓަރ ޝަހީމް ވަނީ ޑރ ތައުފީޤު ރާއްޖެވަޑައިގެންނެވުމަށް ދަޢުވަތު ދެއްވާފައެވެ.