ޢައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
އަހުމަދު ޝުރާއު
12/29/2024, 6:28:26 AM
--
ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި އިސްރާއީލީ ފައުޖުން ހުޅުޖަހާ އަންދާލައި، ބަލިމީހުންނާއި މުވައްޒަފުން އެތަނުން ނެރުމަށް މަޖުބޫރުކުރުވި ޢަމަލު ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.
އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާ މުޅިން ޚިލާފު، ނުރައްކާތެރި ޢަމަލެއް ކަމަށެވެ.
އަދި މިއީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ އަނިޔާވެރި، ޢުދުވާނީ ހަމަލާތަކުގެ އިތުރު ލާއިންސާނީ ހަމަލާއެއް ކަމަށާއި އަދި ޞިއްޙީ ޚިދުމަތްދޭ މުހިންމު މަރުކަޒުތަކަށް މިފަދައިން ހަމަލާ ދިނުމަކީ ހަނގުރާމައިގެ މައިދާނުގައި ކުށެއްކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑއަޅާފައިވާ ޢަމަލެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައި އެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުން ޙިމާޔަތްކޮށް، ޖަރީމާތަކަށް ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، ޚާއްޞަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް، ރާއްޖެއިން ވަނީ ގޮވާލާފައި އެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި އުތުރަށް ބުނީ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ރާއްޖެއިން ދެކޭ ކަމަށެވެ.