އާރްޑީސީގެ ކުރީގެ އެމްޑީ މޫކޭގެ ޕާސްޕޯޓު ހިފަހައްޓައިފި
އަހުމަދު ޝުރާއު
12/28/2024, 5:06:17 PM
--
އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު ( މޫކޭ ) ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ފުލުހުން މިރޭ ބުނީ އެއިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު އާއި އެކުންފުނީގެ ސީއެފްއޯ ޔާސިރު ހަސަން ފުރުން މަނާކުރުމުގެ އަމަރެއް ނެރުމާއި ގުޅިގެން އެފަރާތްތަކަށް އެކަން އަންގާފައިވާ ކަމަށެވެ.
ފުލުހުން މިފަދަ އަމަރެއް ހޯދި އިރު އާރްޑީސީގެ ހިޔާނާތާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލާގައި ހެކި ހޯދަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ މޫކޭއާއި ޔާސިރު ދިރިއުޅޭ އެޕާޓްމެންޓުތަކަށް ވަދެ ބައެއް އިލެކްޓްރޯނިކް ސާމާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ ފައިސާތަކެއް ވަދެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. މިމައްސަލާގައި އެ ކުންފުނީގެ ވެރިއެއްގެ އެކަންޓަކަށް 14 މިލިއަން ރުފިޔާ ވަދެފައިވާކަމަށް ތުހުމަތުވާ ކަމަށް ފުލުހުން އެކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުެއްގައި ވަނީ ހާމަކޮށްފައެވެ.
މިމައްސަލާގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީންކުރެވިފައިވާކަމަށާއި އަދި އެތިން މީހުންގެ އަމިއްލަ އެކައުންޓުން ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މީގެތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް 4 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ މީހެއްގެ އެކައުންޓަށް އާރުޑީސީގެ އެކައުންޓުން 216 ޓްރާންސެކްޝަން ހަދާފައިވާކަމަށާއި، ކޮންމެ ޓްރާންސެކްޝަނެއްގެ ތެރޭގައި އެތަކެއް މީހަކާއި ގުޅުންހުރި އިތުރު ޓްރާންސެކްޝަންތައް ހިމެނޭ ކަމަށާއި އަދި އޭގެއިން ކޮންމެ އެކައުންޓެއްގެ މައުލޫމާތަކީ ވަކިވަކިން ހޯދަންޖެހޭ މައުލޫމާތު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.