
މާލޭގެ ރައްޔިތުނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހްސާސް ކުރެވެން ފަށައިފި - އާޒިމް
# އާދަމް އާޒިމް--
ފުލުހުންގެ އެކި އޮޕަރޭޝަންތަކުގައި ރޭގަނޑުގެ ވަގުތުތަކުގައި ގޭގެއަށް ވަދެ ރެއިޑް ކުރުމުން އާއިލާތައް ވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ރޭގެ ދަންވަރުގެ ވަގުތެއްގައި އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު ދިރިއުޅޭ އެޕާޓްމެންޓަކަށާއި ކުރީގެ ސީއެފްއޯ ޔާސިރު އަށް ނިސްބަތްވާ އެޕާޓްމެންޓަކަށް ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ވަނުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން އާޒިމް ވިދާޅުވީ މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަޤުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރޭޑްތައް ހިންގުމުން، އާއިލާތައް ވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ކަމަށާއި މިއަދު މިފަދަ ކަންކަން ހިނގާތައް، ފެނުމަކީ ވަރަށް ބޮޑު މާޔޫސް ކަމެއް ލިބޭ ކަމެއް ކަމަށެވެ. އަދި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ވަނީ ތަޖުރިބާކުރެވިފާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އަމިއްލައަށް އުފަންކުރުވާ އިންޓެލިގެންސް ރިޕޯޓާއި އަދި ފްރޭމްކުރުމަށް ހެކި ބަހައްޓާގެން ހިންގި ރޭޑުތަކުން އެތަށް އާއިލާތަކަކަށް ވަނީ އަނިޔާއި ހިތާމަ ބޭއިންސާފުން ލިބިފައި ކަމަށެވެ.
އަދި މިއަދާ ހަމައަށްވެސް މިފަދަ ބޮޑެތި ޖަރީމާތައް ހިނގި ފަރާތްތައް އިންސާފު ކުރިމަައްޗަށް ގެނެވިފައިނުވާކަމަށާއި އޭނާއަކީ މިފަދަ ހިތާމަވެރިކަންކަން، އަމިއްލައަށް ތަހައްމަލުކޮށްފައިވާ މީހެއް ކަމަށެވެ.
އަދި ޤާނޫނު ތަންފީޒު ކުރައްވާ ފަރާތްތަކުގެ އަމަލުތަކުގައި ޕްރޮފެޝަނަލިޒަމް ދަމަހައްޓަވައި ދެއްވުމަށާއި މިއަދު ލިބިފައިވާ ބާރު ބަދަލު ހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެއްވުމުން، ދުރުހެލިވެތިބުމަށް އާޒިމް ވަނީ ފުލުހުންނަށް އިލްތިމާސްކުރައްވާފައި އެވެ.
" ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގެ މޭޔަރުގަ ހައިސިއްޔަތުން، މިއަދު މާލޭގެ ރައްޔިތުނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހްސާސު އަޅުގަޑު އިންތިހާއަށް ކުރެވޭ ވާހަކަ ހިތާމައާއި އެކު ދަންނަވަމެވެ. " އާޒިމް ވިދާޅުވިއެވެ.
ފުލުހުން ރޭ ބުނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައިގެ ތަޙްޤީގުގެ ބޭނުމަށް، އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު ދިރިއުޅޭތަން އަދި ސީއެފްއޯ ޔާސިރު އަށް ނިސްބަތްވާ 2 ތަނެއް، ބަލާފާސްކޮށް އިލެކްޓްރޯނިކް އައިޓަމްސް ސީޒްކުރެވިފައިވާނެ ކަމަށެވެ. ނަމަވެސް ސީޒް ކުރީ ކޮން އިލެކްޓްރޯނިކް ތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.
ފުލުހުން މާލޭގައި ހުންނަ މޫކޭގެ އެޕާޓްމެންޓަށް ކޯޓު އަމުރަކާއި އެކު ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެވެ.
ގުޅުންހުރި

ދީނީ ކަންކަމަށް ސަމާލުކަންދީ ރިވެތި އަޚުލާޤުން ޖަރީވުމަށް އާޒިމް ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި

ފެން އިސްރާފު ވެދާނެ ޢަމަލުތަކުން ދުރުވެތިބުމަށް މޭޔަރ ޢާޒިމް އިލްތިމާސްކުރައްވައިފި

މާލޭގެ ރައްޔިތުނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހްސާސް ކުރެވެން ފަށައިފި - އާޒިމް
