މެލޭޝިއާއަށް ދާ ދިވެހީންގެ މެދުގައި އެންމެ މަގްބޫލު މަސްޖިދު އިންޑިއާ ސަރަހައްދު!
ސާރާ އަހުމަދު
12/13/2024, 12:22:02 PM
--
މެލޭޝިޔާއަކީ މިހާރު ދިވެހިންގެމެދުގައި ވަރަށް މަގުބޫލު ގައުމެކެވެ. އެއީ ބާޒާރުކުރުމުން ފެށިގެންގޮސް ޗުއްޓީ ހޭދަކުރުމާއި އަދި މަތީތައުލީމު ހާސިލްކުރަންވެސްމެއެވެ. ކަންމިހެންވަނީ ރާއްޖެއާއި މާދޫރުނޫންވެފައި އަގުގެ ގޮތުން ބަލާއިރުވެސް ރަނގަޅު އަދި ވަކީން ޚާއްސަކޮށް ދިވެހިން އާންމުކޮށް ބޭނުންކުރާ ތަކެތި ފަސޭހައިން ލިބޭތީއެވެ.
މެލޭޝިޔާގެ ހުރިހާ ތަންތަނެއްގެ ތެރެއިންވެސް މެލޭޝިޔާއަށް ދަާ ދިވެއްސެއް ނުގޮސް އަބުރާ ރާއްޖެ ނާއްނާނެ އެއްތަނަކީ މަސްޖިދް އިންޑިޔާ ސަރަހައްދެވެ. މިއީ ހެޔޮ އަގުގައި ކޮލެޓީ ރަނގަޅު ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލް ކޮށް ބާޒާރުކުރެވޭ ތަނެކެވެ. ޝޯލްއާއި ބުރުގަލާ ނަމާދު ދޮޅިން ފެށިގެންގޮސް ރަނާއި ފޮއްޗާއި ރޭނދާވެސް މިތަނުން ލިބެއެވެ. މިހުރިހާ ތަކެއްޗެއްގެ ތެރެއިންވެސް ދިވެހިންގެ މެދުގައި މިތަން އެހާ މަގުބޫލީ މިތަނުން ޝޯލް ލިބޭ ހެޔޮ އަގުގެ ސަަބަބުންނެވެ. މާލެއިން 60-100 ރުފިޔާއަށް ގަންނަ ޝިފޯން ޝޯލް މިތަނުން 12 ވަރަކަށް ރުފިޔާ އަށް ލިބެއެވެ. ކުޑައެއްޗެއް އިންވެސްޓްކޮށްލާގެން ޝޯލް ވިޔަފާރިއެއް ފަށަން މިއީ އެއްވަނައިގެ ތަނެކެވެ.
މިސަރައްދައް މަސްޖިދް އިންޑިޔާ ކިޔުނީ 1883 ވަނަ އަހަރު އިމާރަތް ކުރި ޖަލާން މިސްކިތް ނުވަތަ އިންޑިއާ މިސްކިތް ނަމަކަށް ކިޔުނު ކުޑަ ލަކުޑި މިސްކިތެއްގެ ސަބަބުންނެވެ. ފަހުން މި މިސްކިތަށް މަސްޖިދު އިންޑިޔާގެ ނަމުންވެސް ނިސްބަތްކުރެއެވެ. އޭގެ ފަހުން 1963 ވަނަ އަހަރު އެ މިސްކިތް މިހާރު ފެންނަން ހުންނަހެން ރަތް ކުލައިގެ ގްރެނައިޓް ޓައިލް އިން އަލުން މަރާމާތުކުރިއެވެ. ބަލާލަން މިއީ މާ އާދަޔާ ހިލާފު މިސްކިތެއް ނޫނެވެ. ނަމަވެސް މީހުންގެ ސަމާލުކަން ހުއްޓެނީ މި މިސްކިތާ އިންވެގެން އޮންނަ ބޮޑު ބާޒާރަށެވެ.
މި ސޮޓޯލުތައް ފެނުމުން ހަދާނަށް އަންނަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކުރިން ބާއްވާ މަގުމަތީ ބާޒާރު ނުވަތަ ނައިޓް މާކެޓަށެވެ. ނަން ހުސްކޮށް ހެޔޮ އަގުގައި މިތަނުންވެސް އެއްޗިހި ލިބެން ހުރެއެވެ. މާލޭ މަގުމަތީ ބާޒާރުން ލިބޭ އަނބު މަޖަލުގެ ބަދަލުގައި މިތަނުން ލިބޭނީ މެލޭޝިޔާގެ މަޝްހޫރު ނަސިލެމަކްއެވެ. މި ނޫނަސް އެތަށް ވައްތަރެއްގެ ކާބޯތަކެތި މިތަނުން ލިބެން ހުރެއެވެ. ސްޓޯލްތަކުގެ އިތުރަށް އެކި ކަހަލަ ކާބޯތަކެތި ލިބޭ ރެސްޓޯރެންޓްތައްވެސް މިސަރަހައްދުގައި ހުރެއެވެ.
މިތަނަށް މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕުރުން 60-100ރ ގެ އަގެއްގައި ޓެކްސީއިން ދަތުރުކޮށްލެވޭނެއެވެ. މާބޮޑު ޓްރެފިކެއް ނެތްނަމަ 25-40 ވަަރަކަށް މިނިޓުން ދެވޭނެއެވެ. މިއަށް ވުރެ އަގު ހެޔޮކޮށް ދާން ބޭނުންނަމަ އެލްއާރްޓީވެސް ( މެޓްރޯ ރެއިލް ) ހިޔާރުކުރެވިދާނެއެވެ. އެލްއާރްޓީއިން ނަމަ މަސްޖިދު ޖަމެކް އެލްއާރްޓީ ސްޓޭޝަން މެދުވެރިކޮށް ދެވޭނެއެވެ. މި ސަރަހައްދަކީ ފަސޭހައިން ވަދެވޭ ގޮތަށް ހިނގާބިނގާވެ އުޅެވޭ މަގެކެވެ.
ހަފުތާ ބަންދު ގައި ރޭނގަޑު ލަސްވަންދެން ސްޓޯލްތައް ހުޅުވާފައި ހުރެއެވެ. އަދި ރޯދަމަހާއި ދިވާލީ ފަދަ ބޮޑަތި މުނާސަބަތުތަކުގައި މިތަން އިތުރަށް ފޯރިގަދަވެގެން ދެއެވެ. މި ސަރަޙައްދަކީ އެ މެލޭޝިޔާގެ އެންމެ ދުވަސްވީ އެއް ސަރަހައްދެވެ. މި ސަރަހައްދު ހަދާފައިވަނީ ކްލަންގް އާއި ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ އިންޑިއާ-މުސްލިމް މުޖުތަމައުގެ ދީނީ އަދި މުޖުތަމައުގެ ހަރަކާތްތަކަށް ހިންގުމަށެވެކެވެ.
މިއީ ދެން އަންނަ ޗުއްޓީއަކަށް އާއިލާ އެކުގައި ބާޒާރުކޮށްލަން އަންނަން ވަރަށް ރަނގަޅު ތަނަކަށް ވާނެކަން ޔަގީނެވެ.