ހަމަދު ސްކޫލް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ރެހެންދި ސްކޫލަށް
ހަސަން ޝަމްއޫން
12/12/2024, 5:16:35 AM
ރެހެންދި ސްކޫލާއި ހަމަދު ސްކޫލް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުންދަށުގެ އަންހެން ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 7-11 ގެ ނަތީޖާއަކުން ހަމަދު ސްކޫލް ބަލިކޮށް ރެހެންދި ސްކޫލް މުބާރާތުގެ ފައިނަލުން ޖާގަ ހޯފައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެހެންދި ސްކޫލުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑާކާއެކު 6-3 ގެ ނަތީޖާއަކުން ރެހެންދި ސްކޫލް ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. އެގޮތުން ދެވަނަ ހާފުގައި ރެހެންދި ސްކޫލުން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ހަމަދު ސްކޫލުން ވެސް ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ރެހެންދި ސްކޫލްގެ އިފާޝާ މުހައްމަދު ފިރާގް ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު އީޝަަލް މުސާ ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އައިޝަތު ޖައުދާ ޖަމާލް، މަރިޔަމް އަރީން އާރިފް އަދި އައިޝަތު އީލިޔާ ބިންތު މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ
މީގެ އިތުރުން މިމެޗުގައި ހަމަދު ސްކޫލްގެ މަރިޔަމް މާވިން މައުމޫން ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފާތިމަތު ޒީކް އަބްދުލް މުހުސިން ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު މިސްކް ބިންތު ފައުދު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެހެންދި ސްކޫލްގެ އިފާޝާ މުހައްމަދު ފިރާގް އެވެ.
މިއަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގައި ޖުމްލަ 20 ޓީމަކުން ވާދަކޮށްފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 20 ޓީމު ފަސް ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމުގެ އިތުރުން، ފަސް ގުރޫޕުން ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަކުން ވަނީ ފުރުސަތު ލިބިފައެވެ.