ޖީ.ޕީ.އީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ ޝަފީޢު ބައިވެރިވެވަޑައިގެންފި
އަހުމަދު ޝުރާއު
12/8/2024, 4:30:03 PM
--
ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންފިއެވެ.
މިނިސްޓަރ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އޭޝިއާ އަދި ޕެސިފިކް ދާއިރާ ތަމްސީލުކުރައްވާ ބޯޑް މެންބަރުގެ ހައިސިއްޔަތުންނެވެ. ޑިސެމްބަރ މަހުގެ 3 އިން 5 އަށް ދުބާއީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަދި ޓެކްނިކަލް އެޑްވައިޒަރ ޑރ. އަޙުމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ޖީ.ޕީ.އީގެ ހިންގުމާއި ގުޅުންހުރި ގިނަ ނިންމުންތަކާއި، ކުރިއަށްގެންދިއުމަށް ރާވާ ހަރަކާތްތަކުގެ އިތުރުން، ކުރިއަށް އޮތް 3 އަހަރަށް ލަފާކުރާ ބަޖެޓު ކަނޑައެޅުމަށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ. ޖީ.ޕީ.އީ.ގެ މެންބަރު ޤައުމަކަށް ދިވެހިރާއްޖެ ވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
އޭގެ ފަހުން ޖީ.ޕީ.އީ. އިން ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ޖީ.ޕީ.އީގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއެކު ތައުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި "ތައިބަ' ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ހާއްސަ ޕްރޮޖެކްޓެއް ގާއިމުކުރެވި، އޭގެ މަސައްކަތް ކުރިއަށްދެއެވެ.