އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވެއްޖެ
އަހުމަދު ޝުރާއު
11/18/2024, 9:09:30 AM
--
އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
އެމްެއެންޑީއެފުން މިއަދު ބުނީ ، ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީ ފޭދޫ މަގުތަކުގައި ފެންބޮޑުވުމުން، ރޭ 23:25 ހާއިރުން ފެށިގެން އެމްއެންޑީއެފް ސަދަން އޭެރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އެގޮތުން ފޭދޫ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދާލެވުނީ މިއަދު ހެނދުނު 09:25 ހާއިރުއެވެ.
މީގެއިތުރުން، ބޯކޮށް ވާރޭ ވެހި، އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ސީނު އަތޮޅު މަދަރުސާ ގޯތިތެރޭގައި ފެންބޮޑުވުމުން، މިއަދު ހެނދުނު 07:25 އިން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ. ސ. އަތޮޅު މަދަރުސާ ގޯތިތެރޭގައި ބޮޑުވި ފެންގަނޑު ހިންދާލެވުނީ މިއަދު 09:20 ހާއިރުއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ އިއްޔެގެ ހެނދުނު 08:00 އިން މިއަދުގެ 08:00 އާއި ހަމައަށް އެކި ސަރަހައްދުތައް ވާރޭވެހިފައިވާ މިންވަރު ދައްކުވައިދޭ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެމުއްދަތުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫއަށް އިއްޔެ 110 މިލިލީޓަރުގެ ވާރޭވެހިފައި ވެއެވެ. އަދި އައްޑޫ ސިޓީގެ ގަމަށް 106 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.