އަމާނާގެ މޮޅު ކުޅުމާއެކު ކުޑަހުވަދޫ އަތުން އެލްްކިޔުއަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
11/2/2024, 6:17:04 PM
ކުޑަހުވަދޫ އާއި އެލްްކިއު ބައްދަލުކުރި މަެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް އެކެއްގައި މިރޭ ކުޑަހުވަދޫ ސްޕޯޓްސް ކުލަބު (ކޭއެސްސީ) އާއި އެލްްކިއު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 11-23 ގެ ނަތީޖާއަކުން އެލްކިޔު ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ނުވަ ލަނޑުގެ ލީޑަކާއެކު 3-12 ގެ ނަތީޖާއަކުން އެލްކިޔު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 11 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ކުޑަހުވަދޫއަށް ކާމިޔާބުކުރެވުނީ ހަތް ލަނޑެވެ
އެގޮތުން މިމެޗުގައި އެލްކިޔުގެ އައިޝަތު އަމާނާ 10 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ރާއިދާ ވަނީ އަށް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ފާތުމަތު ރަމްޒިއްޔާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު އިނޫޝާ މުހައްމަދު، އާމިނަތު ޝައުފާ އަބްދުލް ހަންނާން އަދި ސިއްތި ސަމީނާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ކުޑަހުވަދޫގެ އައިޝަތު ޝައިބާ މުހައްމަދު ރަޝީދު އަދި މަރިޔަމް މިޝްގާ މުސާ މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ސަޖާހާ މުސްތަފާ ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެލްކިޔުގެ އައިޝަތު އަމާނާ އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.