ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުން ފަސޭހަކުރަނީ
އަލްފާ އަލީ
10/31/2024, 4:42:01 PM
-
ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުން ފަސޭހަކުރަން ގާނޫނަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު "އެކްސް"ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިޞްލާޙުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 515 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ކަނޑައަޅާ ގޮތާއި ކުށުގެ ދަރަޖަކުރުމެވެ.
ހަޤީޤީ މާނައިގައި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް، ތަފާތު މަންސަތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަކުރާރުކޮށް ވިދާޅުވެފައެވެ.