ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑުކޮށްފި
އަހުމަދު ޝުރާއު
10/23/2024, 3:45:21 PM
--
ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލު ކުރާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑީވްސްއިން ދެމުން ދިޔަ ޑޮލަރު ލިމިޓު ބޮޑުކޮށްފި އެވެ.
ބީއެމްއެލުން މިއަދު ބުނީ ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ ބީއެމްއެލް ކާޑު ލިމިޓު 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް އެބޭންކުން ނިންމާފައިވާ ކަމަށެވެ. އަދި މިކަން ތަންފީޒުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބީއެމްއެލުން ވަނީ ބުނެފައި އެވެ.
މި ބަދަލާއި ގުޅިގެން އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ޑޮލަރު ލިބުމުގައި އަދިވެސް ދަތިތަކެއް އެބަހުރި ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތައްވެސް ފާހަގަކުރެވޭ ކަމަށެވެ.
"މިއަދުގެ މި ނިންމެވުމާއެކު ބޭރުގައި ދިރިއުޅެމުންދާ ދަރިވަރުންގެ ބޭނުންތަކަށް އިސްކަން ދީގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ފެނިގެންދާނެ،". އޭނާ ވިދާޅުވިއެެވެ.
ބީއެމްއެލުން ބުނީ ޑޮލަރު ލިމިޓް ބޮޑުކުރުމުން އެ މިންވަރު ބޭނުންވާ ދަރިވަރުން، ޕޯޓަލް މެދުވެރިކޮށް ދަރިވަރުން ޖެހޭނީ ރެޖިސްޓަރ ވާށެވެ. އަދި އެކަމަށް ބޭނުންވާ ލިޔުންތައް ހުށަހަޅަންވެސް ޖޭހޭނެއެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލުތައް ލިބޭނީ ރެޖިސްޓްރީ ވުމަށް ފަހުގައި ކަމަށް ބީއެމްއެލް އިން ވިދާޅުވެފައި ވެއެވެ.
"ބީއެމްއެލް އިން ދާނީ ޑޮލަރުގެ ހާލަތު ގާތުން ބަލަމުން، އިތުރު ބަދަލެއް އަންނަ ނަމަ އެކަން ކަސްޓަމަރުންނަށް އަންގާނެ،". ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައި އެވެ.