
-
ރާއްޖޭގައި މުޅިން އަލަށް ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކަށް ލައިސެންސް ދޫކުރުމަށް ފާސްކޮށްފައި ވާކަމަށް އެމް.އެމް.އޭގެ ގަވަރނަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މި ބޭންކު ޤާއިމްކުރާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިގެން އުފައްދަވާފައިވާ މި ބޭންކު ހުޅުވުމަށް ތައްޔާރުކުރާ ޢިމާރާތުގެ މަސައްކަތް ކުރަމުންދަނީ މާލޭގެ ޗާންދަނީ މަގާއި އަމީރު އަޙްމަދު މަގު ގުޅޭ ހަތަރުއަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގައެވެ.
މި ބޭންކު ހުޅުވުމުން، ރާއްޖޭގެ މާލީ ދާއިރާއަށާއި ތަރައްޤީގެ އެހެނިހެން ދާއިރާތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ޚާއްޞަކޮށް ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިންގ ފަދަ ދާއިރާތަކުން އިންވެސްޓުކުރާނެ ފަރާތްތަކަށް މުހިންމު ހަބެއްގެ ގޮތުގައި މި ބޭންކު ވެގެންދާނެއެވެ.