ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ފުރަތަމަ ސީނިއަރ އޮފިޝަލް ޓޯކްސް ބާއްވައިފި
އަހުމަދު ޝުރާއު
9/25/2024, 4:08:45 AM
--
ދިވެހި ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ބާއްވާ ފުރަތަމަ ސީނިއަރ އޮފިޝަލްސް ޓޯކްސް މާލޭގައި ބާއްވައިފިއެވެ.
ދިވެހި ޚާރިޖިއްޔާގައި އިއްޔެ މެންދުރުފަހު ބޭއްވުނު ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން މިހާރަށްވުރެން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބައްދަލުކުރެއްވުމުގައި، ތަފާތު ދާއިރާތަކާ ބެހޭގޮތުން ދެ ޤައުމުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި، ވެރިކަން ހިންގުމާއި، ޑިމޮކްރަސީއާއި، ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާޢީ، ސަލާމަތާއި، ތަރައްޤީގެ ދާއިރާ ހިމެނެއެވެ.
ސީނިއަރ އޮފިޝަލް ޓޯކްސްގެ ފުރަތަމަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ޑިފެންސް، އެމް.އެން.ޑީ.އެފް ކޯސްޓް ގާޑު، މިނިސްޓްރީ އޮފް ހޯމްލޭންސް ސެކިއުރިޓީ އެންޑް ޓެކްނޮލޯޖީ، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއެވެ. އަދި އޮސްޓްރޭލިއާ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ މިސް ސާރާ ސްޓޯރީ އެވެ.