ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތާގުޅޭ ތަމްރީނު ޕްރޮގްރާމެއް ދިއްގަރުގައި ފަށައިފި
އަހުމަދު ޝުރާއު
9/24/2024, 8:42:15 AM
--
މ. ދިއްގަރުގައި ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާއި އަމިއްލަ ދިރިއުޅުމައްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ މިންގަނޑާގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
މި ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާ ގުޅިގެން ހިންގާ "ޕްރޮމޯޝަން އޮފް ބްލޫ އެކޮނަމީ އިން ފިޝަރީޒް ސެކްޓަރ އޮފް ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން 22 – 26 ސެޕްޓެމްބަރު 2024 ގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މިގޮތުން 23 ސެޕްޓެމްބަރު 2023 ވާ ހޯމަ ދުވަހުގެ ރޭ، 8.30 ގައި، އަމިއްލަ ދިރިއުޅުމައްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ މިންގަނޑާގުޅޭ ސެޝަނެއް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ. މި ސެޝަން ގައި ދިއްގަރުގެ ގޭގޭގައި ކާބޯތަކެތި ތައްޔާރުކޮށް މިހާރުވެސް ވިއްކަމުން ގެންދާފަރާތްތަކާއި އަލަށް މިމަސައްކަތް ފަށަން ގަސްދުކުރާ ބޭފުޅުން ބައިވެރިވިއެވެ.
މިސެޝަނުގައި ޖުމްލަ 60 ބޭފުޅުން ބައިވެރިވިއެވެ. އެއީ 56 އަންހެން ބޭފުޅުންނާއި 4 ފިރިހެން ބޭފުޅުންނެވެ.
މި ތަމްރީނުގައި، ޖައިކާގެ އެހީގައި، މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައްވެސް ހިމެނެއެވެ. މިސެޝަން ގައި މައުލޫތުދެއްވީ މި މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކުއެވެ.