އަންނަ ޖެނުއަރީއިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން ވެސް ހާއްސަ ހުއްދައެއް ނަގަންޖެހޭނެ!
އަހުމަދު ޝުރާއު
9/20/2024, 9:30:56 AM
--
އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ އިމިގްރޭޝަން ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށްވެސް އަންގާފައިވާ ކަމަށް މިނިސްޓްރީން ބުނެފި އެވެ.
އެމިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި އެފަރާތުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
މި ބަދަލާ ގުޅިގެން، 27 ނޮވެމްބަރ 2024 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަދި 8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހުގައި ކަމަށާއި އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށްވެސް ވަނީ ބުނެފައި އެވެ. އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް އެފަރާތުން ފާހަގަކޮށްފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަދި 02 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީ.ޓީ.އޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އީ.ޓީ.އޭ. އާބެހޭ އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
ފޮރިން މިނިސްޓްރީން ވަނީ އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ބޭނުންފުޅުވާ ދިވެހި ރައްޔިތުން މި ބަދަލުތަކަށް ސަމާލުކަން ދެއްވާ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤަވައިދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.