މާލޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި އެމްއެންޑީއެފް ދެ މީހުން ހިމެނޭ
އަލްފާ އަލީ
9/18/2024, 1:15:51 PM
-
މާލޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި އެމްއެންޑީއެފް ގެ ދެ މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ، އެ މައްސަލަ ފުލުހުންގެ ތަހުގީގުކުރަން ފެށީ ޖޫން 25ވަނަ ދުވަހު އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން، އެތަނުގައި އެވަގުތު ޑިއުޓީ ކުރަމުން ދިޔަ ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ އައުމުން ކަމަށެވެ.
މި ހާދިސާގައި އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ޖިސްމާނީ އެކި އަނިޔާތައް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އޭނާގެ ވާތު ލޮލަށް ކޮށްފައިވާ އަނިޔާގެ ސަބަބުން ނޫފައިގެންފައި ހުރި ކަމަށް ފުލުުހުން ވަނީ ބުނެފައެވެ. އަދި އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، މާރާމާރީ ހިންގިކަމުގެ ޒަހަމްތައް ފެންނަން ހުރިކަމަށްވެސް ވަނީ ބުނެފައެވެ.
އޭގެ އިތުރުން ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ ދެވަނަ ބަދައިން ފެށިގެން ބުރިކޮށްލާފަވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ކަނދޮޅުދޫ މެހުރާ، އަލީ ސާމީ އާދި ގދ. ގައްދޫ ހުދުވެލި، އަހުމަދު ސާއިފް ވަހީދާއި ތ. ތިމަރަފުށީ އުތުރުގެއާގޭ، މުހައްމަދު ނަހުޝާން ހުސެއިނާއި ކ. މާފުށީ ފުލްމޫން، މުހައްމަދު ނަފާހް އަދި ލ. ގަން ތުނޑީ އަވަށު ލިންކް، އަހުމަދު ޒަޔާނެވެ.
މީގެ ތެރެއިން ނަފާހް އަދި ޒަޔާން އަކީ އެމްއެންޑީއެފްގެ ދެ އޮފިސަރުންނެވެ. ދެން ތިބި މީހުންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް މީހުންނެވެ.
މި ފަސް މީހުންގެ ތެރެއިން އަލީ ސާމީ، އަހުމަދު ސާއިފް ވަހީދު، މުހައްމަދު ނައުޝަންގެ އިތުރުން އަހުމަދު ޒަޔާން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާއިރު، މުހައްމަދު ނަފާހު ބަންދުގެ މުއްދަތު ޖަހާފައިވަނީ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމެންދެން ކަމަށް ޝިފާއު ވިދާޅުވިއެވެ. މީގެ އިތުރުން މި މައްސަލައިގައި 18 އަހަރުން ދަށުގެ 3 ކުދިން ވެސް ހިމެނޭތީ އެކަން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.