ކޫއްޑޫ އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސްޓް އެއިޑް އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
އަހުމަދު ޝުރާއު
9/16/2024, 4:43:45 PM
--
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގއ.ކޫއްޑޫ އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސްޓް އެއިޑް އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެއަރޕޯޓްގައި ދިމާވެދާނެ އެކިކަހަލަ ކުއްލި ހާދިސާތަކާ ގުޅިގެން ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ތަމްރީން ކުރުމުގެ މަޤުޞަދުގައި ސެޕްޓެންބަރު 15އިން 16އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ އެއަރޕޯޓުގެ 19 މުވައްޒަފުން ބައިވެރިވިއެވެ.
ގއ.ކޫއްޑޫ އެއަރޕޯޓްގައި ކުރިއަށް ގެެންދިޔަ މި ފަސްޓް އެއިޑް ޕްރޮގްރާމްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސީޕީއާރުއާއި، ފިހިގެންނާއި ކަނޑައިގެން ލިބޭ ޒަޚަމްތަކާ އަދި ލިބޭ އެކިއެކި އަނިޔާތަކުގައި ބެންޑޭޖް ކުރާނެގޮތް ކިޔައިދީ، އަދި ޢަމަލީގޮތުން އެ ބައިތައް ޕްރޮގްރާމްގެ ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ގއ.ކޫއްޑޫ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކާޑެއްދޫ ޕޯސްޓްގެ އޮފިސަރ އިންޗާޖް، ލެފްޓިނެންޓް ޢަލީ ރިޝްވާންއެވެ.
މި ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.