އިނގިރޭސި ޗެނަލް ހުރަސްކޮށް އިނގިރޭސިވިލާތަށް ދާން މަސައްކަތްކުރި އަށް މީހަކު މަރުވެއްޖެ
އަހުމަދު ޝުރާއު
9/15/2024, 12:00:34 PM
--
ފަރަންސޭސިވިލާތުން އިނގިރޭސިވިލާތަށް އިނގިރޭސި ޗެނަލް ހުރަސްކުރަން އުޅެނިކޮށް އަށް މީހަކު މަރުވެފައިވާ ކަމަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
ރީޖަނަލް ޕްރިފެކްޓް ޖެކް ބިލަންޓް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 1:00 އެހާކަންހާއިރު އުތުރުގެ އަވަށެއް ކަމަށްވާ އެމްބްލެޓިއުޒްގެ އައްސޭރިފަށުން ކަމަށެވެ.
ހާދިސީ ހިނގި ސަރަހައްދު ކައިރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަރުވި މީހުންގެ އަދަދު ވަރަށް ބޮޑު ކަމަށާއި އަށް މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ސަލާމަތްވި ހަ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ އިރު އޭގެ ތެރޭގައި ހައިޕޯތަރމިއާ ޖެހިފައިވާ 10 މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯޓު ފުރައިގެން ދިޔައީ ވިމެރެކްސް އާއި އެމްބްލެޓިއުޒް އަވަށުގެ މެދުގައި އޮތް ސްލެކް ކޯރުންނެވެ.
ބިލަންޓް ވިދާޅުވީ ގަވާއިދާ ހިލާފަށް އިނގިރޭސިވިލާތައް ދިޔުމަށް މަސައްކަތް ކުރި މި މީހުންގެ ތެރޭގައި އެރިޓްރިއާ، ސޫދާން، ސީރިއާ، އަފްޣާނިސްތާން، މިސްރު އަދި އީރާނުން 59 މީހުން ހިމެނޭ ކަމަށެވެ.
މި ހާދިސާ މިވަނީ ޗެނަލް ހުރަސްކުރަން އުޅުމުގެ ތެރޭގައި ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި 12 މީހުން މަރުވިތާ ދެ ހަފުތާ ވެސް ނުވަނީހެވެ.
މެރިޓައިމް އޮތޯރިޓީން ހޮނިހިރު ދުވަހު ބުނީ ކުދި ބޯޓުފަހަރުގައި ނުރައްކާތެރި ކްރޮސިން ހެދުމަށް ގިނަ މަސައްކަތްތަކެއް ފަހަކަށް އައިސް ކުރަމުންދާ ކަމަށާއި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެކަނިވެސް 24 ގަޑިއިރުގެ ތެރޭގައި 200 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.