ޗައިނާގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ބޭންކުގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަނީ
އަލްފާ އަލީ
9/14/2024, 8:55:20 AM
-
ދުނިޔޭގެ އެންމެ ބޮޑު ބޭންކް ކަމަށްވާ, ޗައިނާގެ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް (އައިސީބީސީ)ގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވަޒީރު ސައީދު ވިދާޅުވީ, މިއަހަރުގެ ކުރީކޮޅު ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޝީޖިންގ ޕިންގ އާއެކު ބޭއްވި މަޝްވަރާތަކުގައި ވަރަށް ގިނަ ކަންކަމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ވަރަށް މަސައްކަތްތަކެއް ކުރެއްވުމަށް ޗައިނާގެ ސަރުކާރުގައި އެދިވަޑައިގެންނެވިކަން ސައީދު ފާހަގަކުރެއްވިއެވެ.
ޗައިނާ ސަރުކާރަށް ރައީސް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ޗައިނާގެ ބޭންކް، އަދި ދުނިޔޭގައިވެސް އެންމެ ބޮޑު ބޭންކް އައިސީބީސީގެ ބްރާންޗެއް ރާއްޖޭގައި ގާއިމް ކުރުން ހިމެނޭ ކަމަށް ސައީދު ވިދާޅުވި އެވެ. މިހާރު މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ) އާ ދެމެދު، ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ވަނީ ސޮއިކޮށްފައެވެ.
މި ފަހުމުނާމާގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު، ދެ ގައުމުގެ ފައިސާއިން މުއާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓް ކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެއެވެ.
ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު މި މުއާމަލާތްތަކުގެ އަގު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.