
--
ދ ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުތަކުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީއިން ބުނެފި އެވެ.

އާރްޑީސީއިން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އާރްޑީސީއިން ބުނީ ކުޑަހުވަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މަގުތަކުގެ ތެރެއިން ޝަހީދު އަލީ ހިނގުމުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
މީގެ އިތުރުން ސްޓޯރމް ވޯޓަރ ލައިން އެޅުމުށް އެކްސްކެވޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންކަން އާރްޑީސީން ވަނީ ހާމަކޮށްފައެވެ.
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މަޝްރޫއުގެ މަސައްކަތް މާ ބޮޑަކަށް ކުރިޔަކަށް ނުދެއެވެ.