
--
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ގދ. ފިޔޯރީ، ލަންސިމޫގެ އަލްއުސްތާޛު ފަރުހާދު ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛު ފަރުހާދު ރަޝީދު، މި މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އަލްއުސްތާޛު ފަރުހާދު ރަޝީދު، މި މަގާމަށް ޢައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު ފަރުހާދު ރަޝީދު، ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.
އަލްއުސްތާޛު ފަރުހާދު ރަޝީދަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އަދި ހުވައިގެ އިޤްރާރުގައި އަލްއުސްތާޛު ފަރުހާދު ރަޝީދު، ވަނީ ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އަލްއުސްތާޛު ފަރުހާދު ރަޝީދުއާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
އަލްއުސްތާޛު ފަރުހާދު ރަޝީދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. އަލްއުސްތާޛު ފަރުހާދު ރަޝީދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.
ގުޅުންހުރި

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ހަތަރުވަނަ ސައިކަލްގައި ރާއްޖެ ރިވިއުކުރުން މިއަދު: ބަންޑާރަ ނައިބާއި ކަމާބެހޭ ވަޒީރުން ބައިވެރިވާނެ!

ދެކުނުގެ 4 އަތޮޅުގެ ކުނިތައް ނައްތާލުމަށް ވެމްކޯއަށް ވަކިން ޚާއްސަ ރަށެއް ހަމަޖައްސައިދީފި

މިމަހުގެ އެކަކުން ފެށިގެން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ - ރައީސް





