އެސްއެސްއާރު ބަލިކޮށް ސީއެޗުޑީސީ އިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި
ހަސަން ޝަމްއޫން
9/6/2024, 2:35:21 PM
ސީއެޗުޑީސީ އާއި އެސްއެސްއާރު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ސީގައި މިއަދު ހަވީރު ސަން ސިޔާމް ރިސޯޓް(އެސްއެސްއާރު) އާއި ކުލަބު ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (ސީއެޗުޑީސީ) ވާދަކުރި މެޗު 23-08 ނަތީޖާއަކުން ކާމިޔާބުކޮށް ސީއެޗުޑީސީ އިން ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގައި ސީއެޗްޑީސީ ކުޅުނު ފުރަތަމަ މެޗުގައި އެޗްއެމްއެޗް އަތުން 29-09 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އެމްސީސީ އަތުން އެޓީމު މޮޅުވީ 28-12 ގެ ނަތީޖާއަކުންނެވެ. އަދި އެސްއެސްއާރުގެ ފުރަތަމަ މެޗުގައި އެމްސީސީ އަތުން 14-07 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ ވާދަވެރި ކުޅުމަކަށްފަހު 8-7 ގެ ނަތީޖާއަކުން ޓީމު ޖުޑިޝަރީ ބަލިކޮށްފައެވެ.
މިމެޗުގައި މޮޅަށްކުޅެ ސީއެޗުޑީސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުނު ނިމިގެންދިޔައީ ހަ ޕޮއިންޓްގެ ލީޑަކާއެކު 09-03 ގެ ނަތީޖާއަކުން ސީއެޗުޑީސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 14 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެސްއެސްއާރަށް ކާމިޔާބުކުރެވުނީ އެންމެ ފަސް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗުޑީސީގެ ރަފާހާ އިބްރާހިމް އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ސީއެޗުޑީސީއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްއެސްއާރު ކުޅުނު ތިން މެޗުން އެޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވައިގައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.