
--
ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އައިޝަތު ރިޒްނާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ރިޒްނާ މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވައި އިސްތިއުފާގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޙުސައިން ރިޟާ އާދަމްއަށް ފޮނުއްވާފައި އެވެ.
އެގޮތުން ރިޒްނާގެ އިސްތިއުފާގެ ސިޓީގައި އޭނަ ވަނީ ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތް ކަމަށް ވިދާޅުވެފައި އެވެ. އަދި އެ ކޮމިޝަނުން ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި އީޖާބީ ތަސައްވުރެއް ހާމަކޮށްފައި ނެތް ކަމަށާއި އަދި އެއްވެސް ލަފައެއް އިރުޝާދެއް ވެސް ނުދޭ ކަމަށާއި ޖޭއެސްސީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައި ވެސް އެއްވެސް ނިންމުމެއް ނިންމާފައިނުވާކަން ފާހަގަކުރައްވާފައިވެ އެވެ.
ރިޒްނާ ވިދާޅުވީ ކަންމިހެން އޮތުމުން، މިކަން ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާ އެއް ލިބިފައިނުވާތީ، ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށް ގެންދިޔުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. މި ސަބަބުތައް އެހެން ހުރުމުން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުން އިސްތިއުފާ ދިނުމަށް ނިންމީ ކަމަށް ރިޒްނާ ވިދާޅުވި އެވެ.
ރިޒްނާ އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެމައްސަލައިގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.