ތަސްލީމް ހޯދަން ސިފައިން ބޮޑު ސަރަހައްދެއް ބަލައިފި
އަހުމަދު ޝުރާއު
8/31/2024, 4:49:54 PM
--
މާލެ އަތޮޅުގެ ފިނޮޅަކަށް ގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު ހޯދުމަށް ބޮޑު ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށް ސިފައިން ބުނެފި އެވެ.
ސިފައިން މިއަދު ބުނީ އިއްޔެ ގެއްލުނު ތަސްލީމް ހޯދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިއަދު ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ގެއްލުނީ މޫދަށްކަން ކަށަވަރު ނުވާކަމަށްވެސް ސިފައިން ބުނެއެވެ.
ސިފައިން އިތުރަށް ބުނީ ތަސްލީމު ހޯދުމުގެ މަސައްކަތުން މިހާތަނަށް އޭނާ ގެއްލުނު ކަމަށްބުނާ ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން ބަލާފައިވާ ކަމަށާއި އަދި 3000 އަކަ ފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ.
އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަން ފުލުހުން ހާމަކުރީ މިއަދު އެވެ. އެެގޮތުން މިއަދު ފުލުހުން ބުނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު ތަސްލީމް ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ. އެގޮތުން އޭނާ އެންމެފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި / ހުކުރު) ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް އެދިފައި އެވެ.