
އަލްއަޤްޞާ މިސްކިތުގައި ޔަހޫދީ ދީނުގެ ފައްޅިއެއް އެޅުމަށް އިސްރާއީލުގެ ވަޒީރަކު ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
# ރާއްޖެ - ފަލަސްތީން-
އަލްއަޤްޞާ މިސްކިތުގައި ޔަހޫދީ ދީނުގެ ފައްޅިއެއް އެޅުމަށް އިސްރާއީލުގެ ވަޒީރަކު ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މާތްވެގެންވާ އިސްލާމް ދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ އަލްއަޤްޞާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ދީނީގޮތުންނާއި ތާރީޚީ ގޮތުން ވަރަށް މުހިންމު މިސްކިތެއްގެ އިތުރުން އެއީ އިސްލާމީ ތަރިކައިގެ ރަމްޒެއް ކަމަށެވެ.
"ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ.ގެ ކަމާބެހޭ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަލްއަޤްޞާ މިސްކިތުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އިޙުތިރާމުކުރުމަށް އިސްރާއީލް ސަރުކާރަށް ގޮވާލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، އިސްރާއީލު ސަރުކާރުގެ އިސް ވެރިން ދައްކަވާ މިފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރައި، ދީނީ ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވުމުގެ ފުރުޞަތު ބޮޑެވެ.
"ޤުދުސްއާއި އެތަނުގެ މުޤައްދަސް ތަންތަނުގެ ޤާނޫނީ ހައިސިއްޔަތު ބަދަލުވެދާނޭފަދަ އެއްވެސް އަމަލެއް ހިންގުން ހުއްޓުވައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ދިވެހިރާއްޖެއިން ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.
އެބަޔާނުގައި ހާރިޖީ ވުޒާރާއިން ވަނީ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންގެންދާ މިންނެތް މަސައްކަތުގައި އެއްބާރުލުންދިނުންމަތީ ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ގޮވާލާފައި އެވެ.
ގުޅުންހުރި

ހަމަލާތައް ހުއްޓާލަން ދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި

އިސްރާއިލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާ, ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތަށް ރައީސްގެ ތައުރީފް!
