
--
ދުނިޔޭގެ އެންމެ މަޝްހޫރު ޓެކް ބްރޭންޑު, އެޕަލް ގެ އައު އުފެއްދުންތައް ދައްކާލާ އިވެންޓު އަންނަ މަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

އެޕަލްގެ މިއަހަރުގެ އެންމެ ޚާއްސަ އިވެންޓު ކަމަށްވާ "އިޓްސް ގްލޯޓައިމް" ބޭއްވުމަށް ތަވާލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ, ރާއްޖެ ގަޑިން 10:00 ގައި އެވެ.
މި އިވެންޓު ރަސްމީކޮށް ކުރިޔަށްދާނީ އެމެރިކާގައި ހުންނަ އެޕަލް ޕާކުގެ ސްޓީވް ޖޮބްސް ތިއޭޓަރުގައި އެވެ.
މި އިވެންޓުގައި އެޕަލް އިން އާ ގިނަ އުފެއްދުންތަކެއް ތައާރަފުކުރާނެ ކަމަށް ބެލެވޭ އިރު، އެންމެ ބޮޑު ފާހަގަކޮށްލެވެނީ އައިފޯން 16 ސީރީޒް އެވެ. ޓެކު ލީކުތައް ބުނާ ގޮތުން ކުރިއަށް އޮތް ލައިންއަޕްގެ ދަށުން އައިފޯންގެ ޖުމްލަ ހަތަރު މޮޑެލްއެއް ތައާރަފްކުރަން ނިންމާފައިވާއިރު، ޕްރޯ ނޫން ވޭރިއަންޓްތަކުގައި އަޕްޑޭޓް ޑިޒައިނެއް ހިމެނޭނެ ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން އެޕަލް އިން އާ އެޕަލް ގަޑިތަކާއި އެއާޕޮޑްތައް ވެސް އެ އިވެންޓުގައި ދައްކާލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މީގެ އިތުރުން އެންމެ ފަހުން އެކުންފުނިން ދައްކާލި އައިއޯއެސް 18 ފާމްވެއާ އަޕްޑޭޓްގެ އިތުރުން އެޕަލް އިންޓެލިޖެންސް ފީޗާތައް ވެސް ދައްކާލާނެ ކަމަށް ބެލެވެ އެވެ.