
--
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި އެކު މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށެވެ. އެގޮތުން މި ސަމާލު ނެރެފައިވަނީ މިއަދު 13:00 އިން ފެށިގެން ހަވީރު 17:00 ގެ ނިޔަލަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނި އެސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ގަދަވަޔާއި ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.
މީގެ އިތުރުން އދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މިއަދު އިރުއޮއްސި 18:30 ގެ ނިޔަލަށް ވަނީ ހުދު ސަމާލުވެސް ނެރެފަ އެވެ.