އައްޑޫ ހަންކެޑެ ބްރިޖު މަޝްރޫއު ހިމެނޭހެން 3 މަޝްރޫއުގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާއި ހަވާލުކޮށްފި
އަހުމަދު ޝުރާއު
8/11/2024, 9:30:11 AM
--
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
މިކަމަށް މިއަދު އައްޑޫގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައި އެވެ. މި ރަސްމިއްޔާތުގެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުތައް އިފްތިތާހްކޮށްދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ގެ އިތުރުން ރާާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ.
އައްޑޫ ސިޓީ 4 ލޭން ޑިޓުއަރ ލިންކް ރޯޑް ނުވަތަ ހަންކެޑެ ބްރިޖަކީ ފަތުރުވެރިކަމަށް ތަރައްޤީކުރަން ކަނޑައަޅާފައިވާ ރަށް، "ހަންކެޑެ" ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީކުރި މަގެކެވެ. މި ބްރިޖް ތަރައްޤީކޮށްފައިވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެފްކޮންސް އިންނެވެ. މި މަޝްރޫއު އެކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 21، 2021 ގަ އެވެ. އައްޑޫ ގޮނޑުދޮށް ހިމާޔަތްކޮށް ބިން ހިއްކުމަށް އިންޑިއާގެ ވެންއޫޑު އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މާޗު 27، 2022 ގައެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ވަނީ 184.3 ހެކްޓަރުގެ ބިން ހިއްކާފައެވެ. މީގެ ތެރޭގައި ހިމެނީ ހިތަދޫން ހިއްކި 80 ހެކްޓަރުގެ ބިމާއި، މަރަދޫން ހިއްކި 76 ހެކްޓަރުގެ ބިމާއި، މަރަދޫ ފޭދޫން ހިއްކި 3.3 ހެކްޓަރުގެ ބިމެވެ. އަދި ފަތުރުވެރިކަމަށް ޚާއްޞަކޮށް ހިއްކި 8.3 ހެކްޓަރުގެ 3 ރަށްވެސް ހިމެނެއެވެ. އަދި އައްޑޫ ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ވަނީ 7 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާ ހިމާޔަތްކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އައްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމަކީ އައްޑޫ ތަރައްގީ ކުރުމަށް ސްޓެޓީޖިކް ވިޝަންގައި ހިމަނާފައިވާ މުހިއްމު މަޝްރޫއެެއް ކަމަށެވެ. ހަންކެޑެ ބްރިޖަކީ، ހަންކެޑެ ޓޫރިޒަމް ފުޅާކުރުމަށް ކުރާ މަސައްކަތަށް ގުޅިފައިވާ ބޮޑު މަޝްރޫއުއެއް ކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާއަށް ރާއްޖެ އަކީއެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށާއި އިންޑިއާ އިން މަސައްކަތް ކުރަމުން ދަނީ އެކި މަޝްރޫއުތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ. އަދި މިދިޔަ ދެ ތިން އަހަރުގެ ތެރޭގައި އިންޑިއާ އިން ވަނީ 220 މިލިއަން ޑޮލަރުގެ މަޝްރޫއުތައް އައްޑޫގައި ކުރިއަށް ގެންގޮސްފައި ކަމަށާއި އެ އިން ވެސް އަންގައިދެނީ އިންޑިއާ އިން ރާއްޖޭގެ ސަރަހައްދީ ތަރައްގީ އަށް ދޭ އިސްކަން ކަމަށެވެ.