
ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު ހިމެނޭހެން ތިން ވަޒީރަކު ޗައިނާއަށް ވަޑައިގަންނަވަނީ
# ފޮރިން މިނިސްޓަރ--
ޗައިނާ ސަރުކާރުގެ ޚާއްސަ ދައުވަތަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު އާއި އިތުރު 2 ވަޒީރަކު ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ހާރިޖީ ވުޒާރާއިން މިއަދު ބުނީ ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު އަދި ޗައިނާގެ ފޮރިން މިނިސްޓަރު ހިޒް އެކްސެލެންސީ މިސްޓަރ ވަންގް ޔީގެ ދައުވަތަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު މިމަހުގެ 20 އިން 24 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް ޑރ.މުޙައްމަދު ޝަފީޤާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުލްމުއްޠިލިބުގެ އިތުރުން ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޒަމީރު، ފޮރިން މިނިސްޓަރު ވަންގް ޔީއާ އެކު ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.
މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ޗައިނާގެ މުހިންމު ކުންފުނިތަކާ އެކު މިނިސްޓަރުން މަޝްވަރާ ކުރައްވާނެ އެވެ.