ޖަލު އޮޕަރޭޝަން: 8 ޔުނިޓެއް ބަލައި ފާސްކޮށް 29 ފޯނު ހޯދައިފި
މުޙައްމަދު މުއައްވަޒު
7/2/2024, 7:17:59 AM
-
މާފުށީ ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށް 29 ފޯނާއި އެއާއި ގުޅުން ހުރި ބައެއް ތަކެތި ފުލުހުން ހޯދައިފިއެވެ.
މާފުށީ ޖަލަށް ޤަވާއިދާ ޚިލާފަށް ތަކެތި ވައްދާ މައްސަލައާ ގުޅިގެން ދާޚިލީ ވުޒާރާގެ އިސްނެގުމަކަށް ދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެޝަނަލް ސަރވިސް އަދި އެމްއެންޑީއެފް ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނުގައި ޖުމްލަ 308 އޮފިސަރުން ބައިވެރިވެއެވެ. އެއީ 183 ފުލުހަކާއި، އެމްއެންޑީއެފްގެ 81 ސިފައިންނާއި، ކަރެކްޝަނަލް ސަރވިސެސްގެ 40 އޮފިސަރެކެވެ.
މި އޮޕަރޭޝަނުގައި މާފުށީ ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށްފައިވާއިރު، އެތަނުން 29 މޯބައިލް ފޯނާއި، 17 ޗާޖަރާއި، 12 ހެޑްސެޓު، 3 ޕެންޑްރައިވް، 3 އިއަޕޮޑާއި، 3 ކޭބަލްގެ އިތުރުން 2 ސިމްކާޑު އަދި 4 ބޮގަރު ފުޅި ފެނިފައިވެއެވެ.
މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.
މާފުށީ ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށް ޖަލަށް ވެއްދުން މަނާތަކެތި ފުލުހުން ހޯދާފައިވާއިރު މާފުށީ ޖަލުގައި ކުރިއަށްދާ އޮޕަރޭޝަންގެ ކަންތައްތައް ބައްލަވާލެއްވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވަނީ ޖަލަށް ޒިޔާރަތެއްވެސް ކުރައްވާފައެވެ.
މި އޮޕަރޭޝަނުގައި މިހާތަނަށް 13 މުވައްޒަފަކު ހައްޔަރުކޮށްފައިވާއިރު މިހާތަނަށް ބެލި ބެލުމުން ފޯނާއި މަސްތުވާތަކެތި ޖަލަށް ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު އެހީވާކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވަނީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބަޔަކު ރިޝްވަތު ހިފުމަކީ ކުށެއް ކަމަށާއި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
އަދި މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވުނު 18 އޮފިސަރުންނަކީވެސް ޖޫނިއަރ ރޭންކުގެ އޮފިސަރުން ކަމަށާއި އޭގެ ތެރެއިން ހަ މީހަކު ވަޒީފާއިން ވަކިވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިފަދަ ކަންކަމުގައި ރޭންކެއް އިސްތިސްނާ ނުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.