ޢީދު ބަންދު ހަފްތާއަށް ފަހު 'ކުރަނގި އޮޕަރޭޝަން' މާފުށީގައި ކުރިއަށް
އަލްފާ އަލީ
6/28/2024, 11:33:00 AM
-
ޢީދު ބަންދު ހަފްތާއަށް ފަހު 'ކުރަނގި އޮޕަރޭޝަން' މާފުށީގައި އަނެއްކާވެސް ފަށައިފިއެވެ.
އީދު ބަންދަށް މި މަސައްކަތް ހުއްޓާލިއިރު 800 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެއެވެ.
މާފުށީގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް މިމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށްވެސް އެ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މާފުއްޓަކީ މި ޕްރޮގްރާމްގެ ދަށުން މަޢުލޫމާތު އެއްކުރާ ދެވަނަ ރަށެކެވެ.
ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ޤާއިމުކުރުމަކީ ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ. މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރެއެވެ.
މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.
ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެއެވެ.
މި ޕްރޮގްރާމްގައި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފުރަތަމަ މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔަނަމަވެސް، ރާއްޖެ 5 ސަރަޙައްދަށް ބަހާލައިގެން އެ މަސައްކަތް ވަރަށް އަވަހަށް އެހެން އަތޮޅުތަކުގައިވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިން ވަނީ ބުނެފައެވެ.