ހައްޖުވެރިން ރާއްޖެ އައުމަށްފަހު ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފި
މުޙައްމަދު މުއައްވަޒު
6/23/2024, 9:06:07 AM
-
ހައްޖުގެ މާތް އަޅުކަމަށްފަހު ރާއްޖެ އައިސް ސިއްހީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭން ވަނީ ހައްޖުވެރިން އެނބުރި އައުމަށްފަހު ސަމާލުކަންދޭންޖެހޭ ކަންކަން ހަނދާންކޮށްދީފައެވެ. އެގޮތުން އަރިފަފޯސް އާއި ރޯގާ އަދި ވައިރަލްހުވުމުން ރައްކާތެރިވުމަށް ކިނބިހި އަަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި، ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދަތުރުމަތީގައި އާއި ހައްޖު އަދާ ކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅެން ހަނދާން ކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.
އަދި ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ރޯގާ ޖެހިފައިވާނަ ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހައްޖުވެރިން އެނބުރި އަންނަތާ 14 ދުވަސް ތެރޭ ހުންއައިސް، ކެއްސާ، ނޭވާލާން އުނދަގުވެ، މޭގާއި ރިއްސުން ފަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާވެސް އެޗްޕީއޭއިން ވަނީ ކިޔައިދީފައެވެ. އެގޮތުން ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި އަރާމުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުން ގަދަވާ ނަމަ ގައިގައި ފެންހާކައި, ފެރެސެޓެމޯލް ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޕެރެސެޓެމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިލައްވާފައެވެ.
ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ހޯމަ ދުވަހުން ފެށިގެންނެވެ. އެގޮތުން ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ހޯމަ ދުވަހު ރާއްޖެ އަންނަ އިރު ދެވަނަ ގްރޫޕު މިމަމަހުގެ 28 ވަނަ ދުވަހު އައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިން ވަނަ ގްރޫޕު ޖުލައި މަހުގެ 1 ވަނަ ދުވަހު އަދި ހަތަރު ވަނަ ގްރޫޕު ޖުލައި މަހުގެ 4 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.