
--
ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅާފައިވާ ސަފީރު އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެކުވެރި ޢަރަބި އިމާރާތުގެ ރައީސް އަދި އަބޫދާބީގެ ރޫލަރ ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންއަށް ބުދަ ދުވަހު އަރުވައިފިއެވެ.

އެކުވެރި ޢަރަބި އިމާރާތުގެ ރިޔާސީ ގަނޑުވަރު ޤަސްރު އަލް ވަޠަންގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ އައު ސަފީރު ވަނީ އެކުވެރި ޢަރަބި އިމާރާތުގެ ރައީސްއަށް ފަތްކޮޅު އެރުވުމުގެ އިތުރުން ގަނޑުވަރުގައި ދިވެހި ދިދަ ނަންގަވާފައެވެ.
ފަތްކޮޅާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު ވަނީ އެކުވެރި ޢަރަބި އިމާރާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އަޚުވަންތަކަމުގެ ގުޅުމަށް އަލިއަޅުވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއިން ޔޫ.އޭ.އީ.އާއެކު ޤާއިމްވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރައްވަން ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުވާލެއްވިއެވެ.
ދިވެހިރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައެޅުއްވި ސަފީރު އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން އެކުވެރި ޢަރަބި ޢިމާރާތުގެ ވެރިންނަށާއި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ކާމިޔާބީއަށް އެދިވަޑައިގަތެވެ.
އަދި ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވިއެވެ.
ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އެކި ރޮނގުރޮނގުން ފުޅާކުރުމަށް ޔޫ.އޭ.އީ. އޮތީ ތައްޔާރަށްކަމަށް ޔޫ.އޭ.އީ.ގެ ރައީސް ވިދާޅުވިއެވެ. އަދި އައު ސަފީރާއެކު މި މުހިންމު ލަނޑުދަނޑި ހާޞިލްކުރެއްވުމަށް ޔޫ.އޭ.އީ. ސަރުކާރުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
އެ ރަސްމިއްޔާތުގެ ފަހުން ބޭއްވުނު ބައްދަލުވުމުގައި ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ދެއްކެވި ވާހަކަފުޅުގައި މި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވި އެކިއެކި ޤައުމުތަކުގެ ސަފީރުންނަށް މަރުހަބާ ވިދާޅުވެ، އެ ސަފީރުންގެ ޤައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް އެކުވެރި ޢަރަބި ޢިމާރާތުން ބޭނުންވާކަން ހާމަކުރައްވައި، ސަފީރުންގެ މަސައްކަތްޕުޅަށް ބޭނުންފުޅުވާ ކަންކަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނޭކަން ކަށަވަރު ކޮށްދެއްވިއެވެ.
ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައެޅުއްވި ސަފީރު އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރު، އަދި ދިވެހި ރައްޔިތުންގެ ފަރާތުން އެކުވެރި ޢަރަބި އިމާރާތުގެ ވެރިންނަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ކާމިޔާބީ އަދި ހެޔޮ ދުޢާ އަރިސް ކުރެއްވިއެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވިއެވެ.
ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 15 މާރޗް 1978 ވަނަ އަހަރުއެވެ. އަދި އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފަކީ ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައެޅުއްވި ހަވަނަ ސަފީރެވެ.
ގުޅުންހުރި

ރާއްޖެއާއި ޔޫއޭއީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

ޔޫއޭއީއާއެކު ވެފައިއޮތް ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުން އާކޮށްފި

މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗުގެ ތަމުރީނު ސެޝަންތައް އަންގާރާގައި ފަށަނީ




